ކުޑަރަހަ ތިލަ ކައިރީ ކަނޑުއަޑީގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

ރާއްޖޭގެ މަޝްހޫރު ޑައިވިން ޕޮއިންޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި، ކަނޑުގެ 18 މީޓަރު އަޑީގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުން ރަސްމީކޮށް ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑުއަޑީގައި ހިނގި މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު ތަހުގީގު ކުރިއަށްދާ ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ބޭރުގެ ޑައިވަރަކު ވަނީ ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާ އަޅައިގެން ހުރި އޮކްސިޖަން މާސްކު ދަމައިގަންނަން މަސައްކަތްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން "މޯލްޑިވްސް ލެޖެންޑް" ޓުއާ އޭޖެންސީން ވަނީ އެ މައްސަލައިގައި ހިމެނޭ ޑައިވަރަކު ސަސްޕެންޑުކޮށްފައެވެ.

މި މައްސަލައިގެ ފުރިހަމަ އަދި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލައިފައެވެ. އެންބީއޭއެމްއިން ވަނީ "މޯލްޑިވްސް ލެޖެންޑް" އާއި "އިންފިނިޓީ އެކްސް" ލިވަބޯޑުގެ ޑައިވިން ޓީމުތަކާ ގުޅުންހުރި މި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ވަކި ބަޔަކު ކުރާ ކަމަކުން މުޅި ރާއްޖޭގެ ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި ރާއްޖޭގެ ކުންފުނިތަކުގެ ނިވަލުގައި، ދިވެހިންގެ ހަގީގީ ބައިވެރިވުމެއް ނެތި ބޭރުގެ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުތަކުގައި ޓޫރިޒަމް ހަރަކާތްތައް ހިންގަމުންދާ މައްސަލައާއި، އުޅަނދުފަހަރުގެ ޖާގައާ މެދު ހާމަކުރާ މައުލޫމާތު ފުށުއަރާ މައްސަލައިގައިވެސް އެންބީއޭއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް