ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ދައުލަތުގެ ބައިތުލްމާލަށް ލިބޭ ފައިސާގެ އަދަދު މަދުވާނޭކަމަށް މާލީ ވުޒާރާއިން (ފިނޭންސް މިނިސްޓްރީ) އަންދާޒާކޮށްފިއެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ތަފްސީލުތަކުން ދައްކާ ގޮތުގައި، އަންނަ އަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 188.5 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރާއިި މިދިޔަ އަހަރާ އަޅާބަލާއިރު ނިސްބަތުން ދަށް އަދަދެކެވެ.
ޖޫރިމަނާގެ އާމްދަނީގެ ތަފާސްހިސާބު:
-
2027 (އަންދާޒާ): 188.5 މިލިއަން ރުފިޔާ.
-
2026 (މިއަހަރުގެ އަންދާޒާ): 234.1 މިލިއަން ރުފިޔާ.
-
2025 (މިދިޔަ އަހަރު): 255.5 މިލިއަން ރުފިޔާ.
މީގެއިތުރުން، މީރާއިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 20.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ނަމަވެސް، އެ ކުއާޓަރުގައި ޖޫރިމަނާގެ ގޮތުގައި 66.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އާންމުގޮތެއްގައި ޖޫރިމަނާގެ އާމްދަނީ ލިބެނީ ޓެކްސް ނުދެއްކުމުން ކުރެވޭ ޖޫރިމަނާއާއި އެކިއެކި މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކުންނެވެ. ކުށްތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކުރެވޭ ޖޫރިމަނާއިން ބަޖެޓު ފޫބެއްދުމަށް ބޮޑު އާމްދަނީއެއް ހޯދަން އަމާޒުހިފުމަކީ ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ކަމެކެވެ.





