އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހެވެ.

އެމްޓީސީސީގެ ބޯޑުގައި އެންމެ ފަހުން އާންމު ހިއްސާދާރުން ތަމްސީލުކުރެއްވީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުތަކުގައި ބާރުއަޅާ ގޮތުގެ މަތިން، މި މަގާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ކުންފުނީގެ ހިއްސާދާރަކަށްވުން ނުވަތަ ހިއްސާދާރު ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން ހިމެނެއެވެ. މީގެއިތުރުން ކުންފުނީގެ ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރިވުމާއި، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ގާބިލުކަން ހުރުމާއެކު، ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތޭ ފަރާތަކަށް ވާންޖެހޭނެއެވެ.

އަދި ޝަރުއީ ކޯޓަކުން ބަނގުރޫޓުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށާއި، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައިވެސް ސާބިތު ދަރަންޏެއް އަދާނުކޮށް އޮތް ފަރާތްތަކަށް މި މަގާމަށް ކުރިމަތިއެއް ނުވެވޭނެއެވެ. އަދި ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ފުށުއަރާފަދަ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތަކަށްވެސް ވެގެންނުވާނެއެވެ.

ޝަރުތުހަމަވާ ފަރާތްތަކުގެ މައުލޫމާތު ބޯޑަށް ހުށަހެޅުމަށްފަހު، އެ ފަރާތްތަކުގެ ތަފްސީލު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ކުރިންނެވެ. މި ދެ މަގާމަށް ޑިރެކްޓަރުން އިންތިޚާބުކުރުން އޮންނާނީ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް