ކަޅުތުއްކަލާ ކޮށީ 15 ބުރީގެ އުމްރާނީ ބިނާގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކޮށް ވަސީލަތްތައް ޤާއިމްކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ މަޝްރޫއުގެ އެއްބަސްވުމުގެ ސޮއިކޮށްފި އެވެ.

ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިންގ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު "ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ" ގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތްކޮށް ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފަ އެވެ.

މިކަމަށްޓަކައި އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް، މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ނާއިބު، ފާތިމަތު މިޒްނާ ޢަލީއެވެ.

އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޖޯ ވޭދޯން އެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް