މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އައު އިދާރީ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކު ކުރިމަތީގައި ގާއިމުކޮށްފައިވާ މި ޒަމާނީ އިމާރާތް ހުޅުއްވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ.
ޖުމްލަ 6,195.27 އަކަފޫޓުގެ ބިމެއްގައި، 3,345 އަކަފޫޓުގެ ބޮޑުމިނުގައި ބިނާކޮށްފައިވާ މި 10 ފަންގިފިލާގެ އިމާރާތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއްގެ އިތުރުން ބޭސްމަންޓް ޕާކިންގެ ހިދުމަތްވެސް މި އިމާރާތުގައި ހިމެނެއެވެ.
އެމްޓީޑީސީން މައުލޫމާތުދޭ ގޮތުގައި، މި އިމާރާތުގެ ބައެއް ބައިތައް ކުއްޔަށްދީގެން ކުންފުންޏަށް މެދުނުކެނޑި މާލީ ނަފާ ލިބެމުންދާނެއެވެ. މިއީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވުން ކުޑަކޮށް، އާމްދަނީ ލިބޭނެ އައު ދާއިރާތައް ހޯދުމަށާއި ކުންފުނީގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ބިން ގަތުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ސޮއިކޮށްފައިވަނީ 30 މޭ 2022 ގައެވެ. އޭގެފަހުން 25 ސެޕްޓެމްބަރު 2023 ގައި ހުނާން ސިކްސް އިންޖިނިއަރިން ކޮމްޕެނީއާ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށް، 17 ޖުލައި 2024 ގައި ވަނީ އަމަލީ ގޮތުން ބިންގާ އަޅާފައެވެ.
2006 ވަނަ އަހަރު އުފެއްދި އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށާއި، އާންމުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހިއްސާވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އުފެއްދި ކުންފުންޏެކެވެ. ކުންފުނީގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ފޯރުކޮށްދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށްވާއިރު، އަލަށް ހުޅުވި އިމާރާތާއެކު މި އަމާޒުތައް ހާސިލުކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.





