މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރިހަމައަށް ތާއީދުކުރައްވައި، އެ މަޝްރޫއާ ގުޅުވައިގެން ދައްކަމުންދާ ބައެއް ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް ތާއީދު ކުރައްވާކަން ނަޝީދު ހާމަކުރެއްވީ، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުނު ގަރާރަކާ ގުޅިގެން ބޭއްވި ޖަލްސާގައެވެ.
ގައުމީ މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފުރަތަމަ ހުންނެވީ ބަހުސްގައި ވާހަކަފުޅު ދައްކަވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން އެމަނިކުފާނުގެ ނަންފުޅު ފާހަގަކުރައްވަމުން ދިއުމާ ގުޅިގެން، އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ސާފުކޮށްދެއްވުމުގެ ގޮތުން އެއްޗެއް ވިދާޅުވާން މަޖުބޫރުވެވަޑައިގަތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަހުސްގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ރަސްމާލެ 99 އަހަރަށް އީގަލް ހިލްސްއަށް ދޭ މައްސަލައާއި، އެ ތަނުގައި ޒަޔަނިސްޓުން ނުވަތަ ޔަހޫދީން ވަޒަންވެރިވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އިސްލާމްދީނާއި ޒަޔަނިޒަމާ މުޅި މަޝްރޫއު ގުޅުވައިގެން ދައްކަވާ ވާހަކަތަކަކީ އެއްވެސް ސާބިތުކަމެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހިންގެ ދީނީ އަގީދާއަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކެވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.
މީގެއިތުރުން، 100 އަހަރުގެ މުއްދަތަށް ބިން ދިނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހިންނަކީ ވެސް އެކި ދުވަސްވަރު ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވި މީހުންގެ އައުލާދުން ކަމަށެވެ. އެގޮތުން ހޯރަފުއްޓާއި ދުވާފަރަށް މީގެ 300 އަހަރު ކުރިން އައި އުޅަންދަކުގެ ތާރީހީ މިސާލު ނަންގަވައި، ނަޝީދު ވިދާޅުވީ ދިވެހި އާބާދީ އުފެދިފައިވާ ގޮތަށް ބަލާއިރު މުސްތަގުބަލުގައި ވެސް ކަންކަން ވެގެންދާނެ ގޮތާމެދު ފުޅާކޮށް ވިސްނަންޖެހޭ ކަމަށެވެ.





