މާލޭ އުތުރު ބަނދަރުގެ 3 ފިންގާ ޖެޓީއެއްގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މާލޭގެ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީތަކެއް ހެދުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

ޖުމްލަ 18.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮންކްރީޓް މަސައްކަތް ނިމުނު ޖެޓީތަކުގައި ދެން ކުރިއަށްދާނީ ޑެކްގައި ލަކުޑި ފިލާ ހަރުކުރުމާއި، ލޯންޗު ފަދަ އުޅަނދުފަހަރު ވާ އައްސާނެ ބޮލާޑު ހަރުކުރުމުގެ އިތުރުން ޖެޓީ ލައިޓްތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫއު ފުރިހަމަވެގެން ދިއުމާއެކު، މާލޭ އުތުރު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ދާންޖެހޭ ދަތި އުނދަގޫ ހާލަތްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެއިތުރުން، އިސްރަށްވެހިންނާއި، ކުޑަކުދިން އަދި ގިނަ އަދަދަކަށް ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށްވެސް އުޅަނދުފަހަރަށް އަރައިބޭލުމުގައި ބޮޑު ލުޔެއް ލިބޭނެއެވެ.

އެމްޓީސީސީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޖެޓީތައް ބޭނުންކުރަން ފެށުމުން އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ލިބި، ދަތުރުތައް އަވަސްވެގެންދާނެއެވެ. އަދި ބަނދަރުގެ ޖާގަ ތަނަވަސްވެ، ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަންވެސް އިތުރުވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް