ކޮމަންވެލްތުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފުރާވަޑައިގެންފި

ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން (ޗޮގަމް 2026) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓީގާ އެންޑް ބާބިއުޑާއަށް ފުރާވަޑައިގެންފިއެވެ.

ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު އެމަނިކުފާނު ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ޗޮގަމްގެ ޢާންމު ޖަލްސާތަކުގެ އިތުރުން ހަވާސާގައި ކުރިއަށްދާ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމަށާއި މަތީ ފަންތީގެ މަޝްވަރާތަކުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ 1 އިން 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓް ކުރިއަށްދާނީ "އެކްސެލެރޭޓިން ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމުގެ އިތުރުން، އެންމެންގެ ހިއްސާ އޮންނަ އިގްތިސާދީ ދުވެއްޔެއް ބިނާކުރުމެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ ވެރިން އެއްތަންވާ މި މުހިންމު ސަމިޓަކީ، ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ބައިނަލްއަގްވާމީ ވިޔަފާރި ފުޅާކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ސަމިޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް