ތިނަދޫގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އިތުރުކޮށްފި

ގދ. ތިނަދޫގައި އުމުރުން 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ބަލައި އެކި މުއްދަތުތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެގޮތުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަހުމަދު ނޫޙު ނިޔާޒެވެ. މީގެ އިތުރުން 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަލީ ހުޒާމް ސައީދާއި 24 އަހަރުގެ އަހުމަދު އިފްތިޝާމް ޒަރީރެވެ.

މި މައްސަލާގައި ދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި 45 ދުވަހަށް ބަންދުކުރަން އަމުރުކުރި 35 އަހަރުގެ ނަޖުމުﷲ ހަސަން އާއި، 30 ދުވަހަށް ބަންދުކުރަން އަމުރުކުރި 20 އަހަރުގެ މުހައްމަދު މިޝަލް އަހުމަދު ޒުހައިރު އަދި 32 އަހަރުގެ އަހުމަދު ސާނިޖު ސާދިޤު ހިމެނެއެވެ. އަދި 24 އަހަރުގެ އާޒިމް މުފީދު 15 ދުވަހަށް އަދި 26 އަހަރުގެ މުހައްމަދު ސާލިހު އަހުމަދު 5 ދުވަހަށް ބަންދުކުރުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލަ ފުރަތަމަ ހުށަހެޅުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ވަރަކަށް އެ އަންހެނާއާ އެކު ކުޑަކުދިންތަކަކަށްވެސް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް