ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުންތަކުގެ ރިޕޯޓުތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ރައީސްގެ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށްޓަކައި އެލަވަންސަށް 22,000 ރުފިޔާ އިތުރުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ. މީގެއިތުރުން، އުއްތަމަ ފަނޑިޔާރަށް ޚާއްސަ އެލަވަންސެއްގެ ގޮތުގައި 4,125 ރުފިޔާ ދިނުމަށް ކޮމިޓީން ނިންމި ރިޕޯޓު ފާސްކުރީ 40 މެންބަރުންގެ ތާއީދާއެކުގައެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުން ވަނީ ވަޒީރުންނާއި ކައުންސިލަރުންގެ އިނާޔަތްތަކަށް ކޮމިޓީން ގެނެސްދިން ބަދަލުތަކުގެ ރިޕޯޓުވެސް ފާސްކޮށްފައެވެ. މީގެ ތެރޭގައި ވަޒީރުންގެ ޕެޓްރޯލް އެލަވަންސަށް 2,000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12,000 ރުފިޔާ، އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3,000 ރުފިޔާ ދިނުން ހިމެނެއެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ކައުންސިލަރުންގެ އެލަވަންސަށް 5,000 ރުފިޔާ އިތުރުކުރުންވެސް ހިމެނެއެވެ. މި ރިޕޯޓު ފާސްވީ 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.





