ހުޅުމާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދަ ނެތި ހިންގަމުންދިޔަ 4 ތަނެއް ބަންދުކޮށްފި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.
އެމްއެފްޑީއޭއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮކްޓޯބަރު 26 ގައި ހިންގި މި އޮޕަރޭޝަނަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ތަންތަން ފެތޭތޯއާއި، ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 26 ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ.
ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އަމިއްލަ ދިރިއުޅުމަށްޓަކައި ގޭގޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުން މިންގަނޑުތަކަށް އަމަލުކުރާ މިންވަރު ބެލުމަށްޓަކައި އަންނަ މަހުގެ 5 އިން 20 އަށް ސަރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް "އުފަކާރަ" ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް އެމްއެފްޑީއޭއިން ދަނީ ކުރިއަށް ގެންދަމުންނެވެ.





