ހއ. ބާރަށުގެ ޖެޓީ އަދި ބަނދަރު މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންټްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ބާރަށު ބަނދަރާއި ޖެޓީގެ ހާލަތު ރަނގަޅުކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ތަފާތު ގިނަ އުމްރާނީ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރަށަށް ވަދެނުކުމެ ހެދުމަށް އޮތް ނެރު ފުންކުރުމާއި، އަލަށް ތަރައްޤީކުރާ ބަނދަރުގެ ފަޅުގެ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ނެރު ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނެރުފައިކަށި ގާއިމުކުރުމާއި، އުޅަންދުފަހަރު ކައިރިކުރަން ފަސޭހަވާނެހެން އެއްގަމުތޮށި ލުމާއި، އުޅަންދުފަހަރު އެކްސެސްވުމަށް ރޭމްޕެއް ހެދުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރުން، ކުދި އުޅަންދުފަހަރާއި ޑިންގީތަކަށް ޚާއްޞަކޮށްގެން ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމާއި، ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ގްރޮއިން ޖެހުމާއި، ބަނދަރުގެ ދެ ފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ބަނދަރުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސޭންޑް ފިލްޑް ބްރޭކްވޯޓާ ގާއިމުކުރުމާއި، މޫރިން ބޯއީ ހަރުކުރުމުގެ އިތުރުން، ރޭގަނޑު ބަނދަރު ބޭނުންކުރުމުގައި ފަސޭހައަކަށް ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.
މި މަޝްރޫޢަކީ ބާރަށުގެ ރައްޔިތުންނަށް ލަފާފުރަން ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، ރަށުގެ އިޤްތިޞާދީ އާއި އިޖުތިމާޢީ ޙަރަކާތްތައް ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ދިވެހި ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމްލަ 540 ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާ ހަވާލުކުރާގޮތަށެވެ.





