241 ކޮމިޓީ

މާލެ ކައިރީ އަޅާފައި އޮތް ބޭރުގެ ބޮޑު ދެ ތެޔޮ ބޯޓު ކަނޑުގަދަވެގެން އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައާއި ފަރާއި ޖެހުނު ހާދިސާއާއި، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން މިއަދު އިއްތިފާގުން ނިންމައިފިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި މި ހުށަހެޅުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވަނީ ތާއީދުކުރައްވާފައެވެ. މި ހުށަހެޅުމުގެ ދަށުން، މި ހާދިސާތަކާ ގުޅިގެން ޖަވާބުދާރީވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާޠިމަތު ދިޔާނާ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ސެޕްޓެންބަރު 10 ގައި ހިނގި ހާދިސާގައި އޮޔާދިޔައީ ގާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ "އެމްޓީކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރެވެ. އެ ދެ އުޅަނދު ފަހުން ވަނީ ރާއްޖޭގެ ސަރަހައްދުން ބޭރަށް އަޑިއަށް ގޮސްފައެވެ. މީގެއިތުރުން، އިއްޔެ ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާއިރު، 20 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދީފައެވެ. އަދި އެ ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ޚާއްސަ ޓީމެއް މިއަދު ވަނީ ފުނަދުއަށް ގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް