ފުނަދޫގައި ވާރޭފެން ބޭނުންނުކުރުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ށ. ފުނަދޫއަށް ވެހެމުންދާ ވާރޭފެން ނުނެގުމަށާއި، ވާރެޔާ ނުތެމި ރައްކާތެރިވެ ތިބުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކުރައްވައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، މިއަދު ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ވަނީ ފެތުރިފައެވެ. އެހެންކަމުން މިވަގުތު ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވިގެންވުމުގެ ފުރުސަތު ބޮޑުކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

އަލިފާނުގެ ހާދިސާތަކުގައި ވިހަ ގޭހާއި ތެލުގެ އަސަރު ވައިގެ ތެރެއަށް ފެތުރުމަށްފަހު، ވާރޭފެނާއެކު ބިމަށް ފައިބައިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ފެން ބޭނުންކުރުމުން ނުވަތަ ވާރޭފެނުން ތެމުމުން ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، އާންމުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށްޓަކައި ވާރޭފެނުން ދުރުހެލިވުން ވަރަށް މުހިންމެވެ.

ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވީ ނަމަވެސް، އެ ސަރަހައްދުގެ ގިނަ ގެތަކަކަށް ވަނީ ބޯދުމުގެ އަސަރުކޮށްފައެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ޖުމްލަ 18 މީހަކަށް އެކިވަރުގެ ފަރުވާ ދޭންޖެހުނެވެ. އޭގެ ތެރޭގައި 16 އާންމުންނާއި، ފަޔާ ފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކު ހިމެނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ އިރު، އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި މިވަގުތު 4 މީހަކަށް ށ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް