ހއ. މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރައްވައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މޮޅަދޫ ފުޓްސެލް ދަނޑުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ އިތުރުން ފެންސުގައި ދާ ޖެހުމާއި، ބައުންޑަރީ ވޯލްގައި ސީލާ ޖެހުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން ދަނޑުގެ އިރުމަތީ ފަރާތުގެ ފެންސް އެއްކޮށް ނަގައި، އާ ހޮޅި ބޭނުންކޮށްގެން އަލުން ފެންސް ރޭވުމާއި، ފެންސްގެ ތިރީބައިގައި އާ ދާ ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި މަތީބައިގައި ކުރީގެ ފެންސުން ނެގި ދާ ބޭނުންކުރުމާއި، ގޭޓު ހެދުމުގެ އިތުރުން އިރުމަތީ ފެންސަށް އިތުރު ދެ ސަޕޯޓް ހޮޅި ޖެހުންވެސް ހިމެނެއެވެ.
މީގެއިތުރުން، ދެކުނު ފަރާތު ފެންސްގެ ހަލާކުވެފައިވާ ބައިތަކުގެ ހޮޅިތައް ބަދަލުކޮށް، އަލުން ތޭރި ޖެހުމާއި ފެންސް ދާ އާކުރުމުގެ މަސައްކަތް ވަނީ ރޭވިފައެވެ. އަދި ކުރީގެ ފެންސުން ނަގާ ދާ ބޭނުންކޮށްގެން ދަނޑުގެ ހަލާކުވެފައިވާ އެހެން ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
އެމްޓީސީސީން ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ މޮޅަދޫގެ ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ތަރައްޤީކޮށްދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.





