މިއަހަރުގެ ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމަވައިފިއެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. އެއަށްފަހު، އެ ދުވަހު ހެނދުނު 06:00 ގައި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އާންމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެރޭ ބާއްވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ނިންމާފައެވެ.
އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައިވެސް ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށްދާނެއެވެ. މީގެއިތުރުން ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުންތަކާއި، ކުޑަކުދިންގެ ހަވީރު ހއ. ދިއްދޫ އާއި ހއ. ބާރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތައް އަތޮޅުތެރޭގައި ކުރިއަށްދާނީ 3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބީރޫޒް މާލަމުގެ ޝަހީދުންގެ ރަށްރަށުގައެވެ. އެގޮތުން ޝަހީދު އަލްމަރުހޫމް އުމަރު އަހުމަދު ނިސްބަތްވާ ހއ. ދިއްދޫގައި ނޮވެމްބަރު 13 އާއި 14 ގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޝަހީދު އަލްމަރުހޫމް އިބްރާހީމް ހުސައިން ނިސްބަތްވާ ހއ. ބާރަށުގައި ހަރަކާތްތައް ކުރިއަށްދާނީ ނޮވެމްބަރު 20 އާއި 21 ވަނަ ދުވަހުއެވެ.





