ރާއްޖޭގެ އެކި ސަރަޙައްދުތައް ޒޯންތަކަކަށް ބަހާލައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްސަ ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅައި، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކެއް ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވާ މި ނިންމެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ޖެނުއަރީ 1 އިން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި އަމަލީ ގޮތުން ގާއިމުވެ ތިބެގެން ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ޚާއްސަ ލުއިތަކެއް ދެއްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ނުވަތަ ދައުލަތުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާނަމަ އެ ބިމެއްގެ ކުލި އެއްކޮށް މާފުވުމާއި، ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ނުޖެހުން ހިމެނެއެވެ. މީގެއިތުރުން ބިދޭސީ މުވައްޒަފުންގެ ކޯޓާ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ލިބުމުގެ އިތުރުން، އެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީވެސް މާފުވެގެންދާނެއެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި މިފަދަ ލުއިތަކެއް ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ސިޓީގެ އިގްތިޞާދު ކުރިއަރުވައި، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި މި ނިންމެވުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކުރާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.





