ދެކުނުގެ ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސުކޫލެއްގައި އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

އެ މައްސަލައިގެ އިތުރުން، އެ ރަށުން 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއް 2026 އޮކްޓޫބަރު 17 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މިއީ ތަފާތު އެހެން މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ކަމަށްވާއިރު، މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ 52 އަހަރުގެ އެހެން ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެއް ރަށަކުން ހުށަހެޅިފައިވާ މި ދެ މައްސަލައިގައިވެސް ތުހުމަތު ކުރެވެނީ ތަފާތު ދެ މީހުންނަށެވެ. އަދި މި ދެ މައްސަލަވެސް ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް