ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނު ރޯވެއްޖެ

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި މިއަދު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އަލިފާންގަނޑު ކޮންޓްރޯލް ނުވެ ނިއްވުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ.

ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން މައުލޫމާތު ދޭ ގޮތުގައި، ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއެކު، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ފުނަދޫއަށް ދިއުމަށް ދަތުރުފަށާފައެވެ. އަދި މިހާރުވެސް ފުނަދޫ އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.

ފުނަދޫ ކައުންސިލުން ހާމަކުރި ގޮތުގައި، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ފެތުރި، ޖެހިގެން ހުރި ދެ ގުދަނެއްގައިވެސް ވަނީ ރޯވެފައެވެ. އަލިފާން ރޯވި ވަގުތު އެ ސަރަހައްދުގައި މީހުން ތިބި ނަމަވެސް، މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނުކަން ކަށަވަރުވެފައެއް ނުވެއެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ، ވައި ދައުރުވާ ގޮތުން ދުމާއި ހުޅުގަނޑު ހުރީ ރަށުތެރެއަށް ވާގޮތަށް ކަމަށާއި، އަލިފާންގަނޑު ބޮޑުކަމުން އެ ސަރަހައްދާ ކައިރިވުމަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މީގެއިތުރުން އަލިފާންގަނޑު ތެރެއިން ބައެއް ތަކެތި ގޮވަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭގޮތް ވަނީ ނުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް