ވިއްސާރައިގައި ލިބުނު ގެއްލުންތައް އެންޑީއެމްއޭއިން ބަލަނީ

ފާއިތުވި ދެ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ހއ. އާއި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގެ އިތުރުން ޅ. ނައިފަރަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީންނެވެ. އެ ސިޓީގެ މަގުތަކާއި ގޯތިގެދޮރުގައި ބޮޑުވި ފެންގަނޑު ހިންދުމަށްޓަކައި ޖުމްލަ ހަތް ޕަންޕު ބޭނުންކޮށްގެން ސިފައިންނާއި އާންމުން ވަނީ މަސައްކަތްކޮށްފައެވެ. ކުޅުދުއްފުށީގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ ފެންގަނޑު ކޮންޓްރޯލް ކުރެވިފައިވާތީ ފެން ހިންދުމުގެ މަސައްކަތް މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް އާއިލާއެއް ދައުލަތުގެ ވަގުތީ ހިޔާއަކަށް ބަދަލުކުރަން ޖެހިފައި ނުވި ނަމަވެސް، ދެ ގެއެއްގެ މީހުން ވަގުތީ ގޮތުން ގެސްޓްހައުސްތަކަށް ބަދަލުވެފައިވާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

މީގެއިތުރުން، ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށްވެސް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ނޮޅިވަރަމަށް ވާރޭވެހުން ހުއްޓުނު ނަމަވެސް، ގޭގޭގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށް ހިނދިފައި ނުވާތީ، ދެ ޕަންޕުގެ އިތުރުން ހަ ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް މޫދު ސަރަހައްދުގައި ދަނީ ކުރަމުންނެވެ.

އަނެއްކޮޅުން ނޮޅިވަރަންފަރުގައި މިހާރު ކުރިއަށްދަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގޭގޭގެ ސާފުކުރުމުގެ މަސައްކަތާއި، ލިބުނު ގެއްލުންތަކުގެ ތަފްސީލު އެއްކުރުމުގެ މަސައްކަތެވެ. އަދި ޅ. ނައިފަރުގައިވެސް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތާއެކު، ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ކައުންސިލްތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް