ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކުގެ ފޮޓޯއާއި ޒާތީ މައުލޫމާތު ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ. އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސްމީޑިއާއާއި ނޫސްތަކުގައި މި ހާދިސާގެ މައުލޫމާތު އާންމުކުރާއިރު އަނިޔާލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނާނެފަދަ ނުވަތަ އެ މީހުން އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމުނުކުރުމަށް އެދޭ ކަމަށެވެ.
އޭގެއިތުރުން، މި އަނިޔާވެރި އަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، އެ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށްވެސް އެޗްއާރުސީއެމުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގާފައިވާ (އެކްސްޕްލޮއިޓްކޮށްފައިވާ) މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން މިއަދު ތާޒާ މައުލޫމާތު ދެމުން މައުލޫމާތު ދިން ގޮތުގައި، މި އަނިޔާވެރި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރެވުނު އެންމެންނަކީވެސް ދިވެހި ފިރިހެނުންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.





