ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އޮމާނާ ދެމެދު ފުރަތަމަ ރަސްމީ މަޝްވަރާތައް ބާއްވައިފި

ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތައް އޮމާންގެ ވެރިރަށް މަސްކަޓުގައި ބާއްވައިފިއެވެ.

ޚާރިޖީ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްވަރާތަކުގައި ދެ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކައްދެކެވިފައެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ނޫ އިގްތިސާދުގެ ދާއިރާގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި ސަގާފީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެ ގައުމުންވެސް ޝައުގުވެރިވާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

މަސްކަޓުގައި ބޭއްވި މި މަޝްވަރާތަކުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ ހުންނެވިިއިރު، އޮމާންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސިޔާސީ ކަންކަމާ ބެހޭ އަންޑަ ސެކްރެޓަރީ ޝެއިޚް ޚަލީފާ އަލީ އަލް ޙާރިޘީއެވެ.

މި ދަތުރުފުޅުގެ ތެރެއިން ފޮރިން ސެކްރެޓަރީ އިނާޔާ ވަނީ "އޮމާން ފުޑް އިންވެސްޓްމަންޓް ހޯލްޑިން" ގެ އިސްވެރިންނާ ބައްދަލުކުރައްވައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުގެ އައު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، އޮމާންގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އިދާރާގެ ޑިރެކްޓަ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް