ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއަދު ހެނދުނު 05:35 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް ދިޔަވުން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 07:50 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، އޭގެ ސައިލެންސަރަށް ފެން ވަނުމުގެ ސަބަބުންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.





