ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި، ހާލުގައިޖެހުނު މީހަކަށް ސިއްހީ މަރުކަޒުގައި ފަރުވާދީފި

ރ. ދުވާފަރުން އެ އަތޮޅު ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ލޯންޗުގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައިޖެހުމާ ގުޅިގެން، އެ ލޯންޗުން ދަތުރުކުރި ބަންގްލަދޭޝް މީހެއްގެ ހާލު ދެރަވެ ދުވާފަރު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހާގެ ހާލު މިހާރު ރަނގަޅެވެ.

މިއަދު ހަވީރު 16:56 ހާއިރު ރިޕޯޓުކުރެވުނު މި ހާދިސާއާ ގުޅިގެން ދުވާފަރު ޕޮލިސް ސްޓޭޝަނުން ވަނީ ޑިންގީއެއްގައި ގޮސް، ޖުމްލަ ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައި، އިންޖީނު މަރާމާތުކުރުމުގައި އެހީތެރިވެދީފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ވަސީލަތްތަކާއެކު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް