ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރާއި ކުޅުދުއްފުށީގެ އިތުރުން އުތުރުގެ ބައެއް ރަށްރަށުގައި ބޮޑަށް ފެންބޮޑުވެ، ގޭބިސީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ރެއިން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނޮޅިވަރަންފަރުގެ 95 ޕަސެންޓް ގެތަކަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ހާލުގައި ޖެހުނު ބައެއް އާއިލާތައް މިހާރު ވަނީ އެހެން ގެތަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން ހދ. ކުޅުދުއްފުށިން 190 އަށްވުރެ ގިނަ ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު، ޅ. ނައިފަރުގެ ދެ ގެއަކަށް ފެންވަދެގެންވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ނޮޅިވަރަންފަރުގެ ފަސް ސަރަހައްދަކުން ކޯރު ކަނޑައި، ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ހާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން ވަނީ ސިފައިންގެ (އެމްއެންޑީއެފް) އެހީތެރިކަމަށްވެސް އެދިފައެވެ. ހަމައެއާއެކު ނައިފަރުގައިވެސް ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ.
އެންޑީއެމްއޭއިން ބުނީ ރަށު ކައުންސިލްތަކާއި، ފުލުހުން، އެމްއެންޑީއެފް އަދި ރެޑް ކްރެސެންޓް ގުޅިގެން ފެން ހިންދުމާއި ގެތަކުގެ ހާލަތު ބެލުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ވިއްސާރައިގެ އަސަރުކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.





