ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން 6,917 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 6,128 މައްސަލައެއް މިހާތަނަށް ވަނީ ހައްލުކޮށްދީފައެވެ. އަދި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.
ހުށަހަޅާފައިވާ މައިގަނޑު މައްސަލަތައް:
-
އިމާރާތުގެ މައްސަލަތައް: ފެން ލީކުވުމާއި، އިމާރާތުގެ މެއިންޓެނަންސް މައްސަލަތައް، ލިފްޓުތަކުގެ މަރާމާތު އަދި އާންމު ސަރަހައްދުތަކުގެ ޝަކުވާތައް.
-
ޚިދުމަތާއި ފައިސާގެ މައްސަލަތައް: ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަދާހަމަކުރުމުގެ ދަތިތައް.
-
އެހެނިހެން ކަންކަން: އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާއި އަޑުގަދަވުމުގެ އުނދަގޫތައް.
އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ހިތްފަސޭހަ މާހައުލެއް ފަހިކޮށްދިނުން ކަމަށާއި، ބާކީ ހުރި މައްސަލަތައް އަވަހަށް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މީގެއިތުރުން، މި މަހުގެ 14 ވަނަ ދުވަހު ގަވާއިދުން ފައިސާ ނުދައްކާ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް ފްލެޓު ހުސްކުރަން އެންގި ނަމަވެސް، ރަސްމީ ނޯޓިސްއާ ގުޅިގެން އެ ފަރާތްތަކުން މިހާރު ފައިސާ ދައްކަން ފަށާފައިވާކަންވެސް އެފްޑީސީން ވަނީ ފާހަގަކޮށްފައެވެ.





