މާލެއަށް ބޯކޮށް ވާރޭވެހި 37 ތަނަކަށް ފެންވަދެގެން އެހީއަށް އެދެފި

މާލެއަށް ބޯކޮށް ވާރޭވެހި، ގޭބީސީތަކަށާއި ވިޔަފާރިތަކަށް ފެންވަދެގެން ރިޕޯޓްކުރުމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އެންޑީއެމްއޭއިން ހާމަކުރެއްވި ގޮތުގައި، ރޭ ކުރި ވިއްސާރައިގައި މާލޭގެ 21 ގެއަކަށާއި، 16 ފިހާރައެއްގެ އިތުރުން 2 ރެސްޓޯރެންޓާއި، 2 ކްލިނިކް އަދި ސަރުކާރުގެ 4 އިމާރާތަކަށް ފެންވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން އެއް ގެއަކުން ނަޖިސް ލީކުވުމުގެ ހާދިސާއެއްވެސް ވަނީ ހުށަހެޅިފައެވެ.

ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، މާލޭގެ އިސް 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެނުގެ އަސަރުކޮށްފައިވާ ގޭބީސީތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެގޮތުން، ވެލިބަސްތާ ތައްޔާރުކުރުމަށްޓަކައި 10،000 ގޯނި މިހާތަނަށް މާލެ ސިޓީ ކައުންސިލާ ވަނީ ހަވާލުކުރެވިފައެވެ.

މި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަވިސް، ދިވެހި ފުލުހުންގެ ހިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް