މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގދ. ފިޔޯރީގައި ފެންބޮޑުވެ، އެ ރަށުގެ 90 އިންސައްތަ ގެއަށް ފެން ވަދެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކުރި ގޮތުގައި، ރޭ ދަންވަރު 1:30 އިންPat ވިއްސާރައިގައި ފިޔޯރީއަށް މެދުނުކެނޑި ވާރޭވެހި، ރަށުގެ ގިނަ ގެތަކަށް ވަނީ ފެން ވަދެފައެވެ. ފިޔޯރީ ކައުންސިލުގެ ރައީސް ޢަބްދުﷲ މުބާޙް މައުލޫމާތު ދެއްވި ގޮތުގައި، މިހާރުވެސް އެ ރަށަށް ވާރޭ ވެހެމުންދާއިރު، ޕަމްޕު ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރޭ ދަންވަރު 1:30 އިން ފެށިގެން ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަ ގެތަކަށް ވަނީ ފެންވަދެފަ. ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައެއް ނުވޭ.
މިވަގުތު ރަށު ކައުންސިލުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން. އަދި ފިޔޯރީ ކައުންސިލާ ގުޅިގެން މި އޮތޯރިޓީން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނައިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން މިދަނީ ހަމަޖައްސަމުން.
— NDMA Maldives (@NDMAmv) October 21, 2026
އެންޑީއެމްއޭއިން ބުނީ ގޭބިސީތަކަށް ލިބުނު ގެއްލުންތައް ކައުންސިލާ ގުޅިގެން ބަލަމުންދާ ކަމަށާއި، ނަމަވެސް އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާނުވާ ކަމަށެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.





