ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން 15 ދުވަސް މުއްދަތު ޖަހައިދީފިއެވެ.
ރޭގެ ވަގުތެއްގައި ހައްޔަރުކުރި ޒިހާންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ކޮށްފިނަމަ "މަޖާވާނެ" ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ނަމަވެސް އެ ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ތެރޭގައި އޭނާ ވަނީ ފޮހެލާފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް އޭނާ ވަކިކޮށްފައެވެ.





