ތިމާވެށި ރައްކާތެރިކުރަން އެޗްޑީސީން ސީޑްސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރުންތައް އާލާކުރުމުގެ ބޭނުމުގައި ، އެޗްޑީސީން "ސީޑްސް" އާއެކު ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެޗްޑީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން އިޖްތިމާއީ އަދި ތައުލީމީ ގިނަ ހަރަކާތްތަކެއް އެކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރީގެ "ދޫނިޔާ ޑައިވް ރެކް" ސަރަހައްދުގައި މުރަކަ އިންދައި އާލާކުރުމަށް އެޗްޑީސީން ފަށާފައިވާ މަޝްރޫޢަށް ސީޑްސްގެ ފަރާތުން ފަންނީ އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ވޮލެންޓިއަރުން ބައިވެރިކޮށްގެން ހަރަކާތްތައް ހިންގުމާއި، ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ވަނީ ރާވާފައެވެ.

މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް