އަސްކަރީ ތަމްރީނަކަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މާލެ އަތުވެއްޖެ

އިންޑިއާގެ ބޭރުން ބާއްވާ އަސްކަރީ ތަމްރީނަކަށް އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މާލެ އަތުވެއްޖެއެވެ.

އިންޑިއާ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި މާލެ އައިސްފައިވަނީ ފަސްޓް ޓްރެއިނިން ސްކޮޑްރަންގެ އައިއެންއެސް ތިރާއި، އައިއެންއެސް ސުޖާތާގެ އިތުރުން އައިސީޖީއެސް ސަރަތީއެވެ. މި އުޅަނދުތަކަށް ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) އިން ވަނީ މަރުޙަބާ ކިޔާފައެވެ.

މި ތަމްރީނު ދަތުރުގެ ތެރޭގައި އިންޑިއާގެ ކަނޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ދެ ޤައުމުގެ ދޭދޭ ގުޅުމާއި ކަނޑުމަތީގެ ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއާއާއި ދިވެހި ސިފައިން އެންމެ ފަހުން ގުޅިގެން އަސްކަރީ ތަމްރީނެއް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖަނަވަރީ މަހުއެވެ. މީގެއިތުރުން "ދޯސްތީ" ގެ ނަމުގައި އިންޑިއާއާއި ރާއްޖެ އަދި ސްރީލަންކާ ގުޅިގެން ކޮންމެ އަހަރަކުވެސް ތަމްރީނުތައް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް