ރަސްމާލޭގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރާނެ: ރައީސް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ ވޯޓާ ފްރަންޓް އަދި މެރީނާ މަޝްރޫއާ ގުޅޭގޮތުން، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ބޮޑެތި އިސްކަންދޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ކަށަވަރުކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސްއިން މަޝްރޫއު ހިންގާ 500 ހެކްޓަރުގެ ޚާއްޞަ ސަރަހައްދުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަރުކަޒެއް ޤާއިމުކުރެވި، ފުލުހުން އަބަދުވެސް އެ ސަރަހައްދުގައި ޤާއިމުވެ ތިބޭނެ ކަމަށެވެ.

ބައެއް ފަރާތްތަކުން މި މަޝްރޫއުއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކޮށް އެތަނަކީ ދިވެހި ދައުލަތުގެ ބާރު ނުހިނގާނެ ނުވަތަ ރާއްޖެއިން ބޭރުގެ ވަކި ސަރަޙައްދެއްގެ ގޮތުގައި ދައްކަން އުޅޭ ވާހަކަތަކަކީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، މި މަޝްރޫއު ނިމި ބޭނުންކުރަން ފެށިޔަސް އެ ސަރަހައްދުގައި ފުރިހަމައަށް ތަންފީޒުކުރެވެމުންދާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކެވެ. އަދި ޤައުމުގެ އަމަންއަމާންކަމާއި ހަމަޖެހުމަކީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އަސާސެއް ކަމަށްވާތީ، ޤައުމުގެ ސަލާމަތީ ކަންކަމަށް އަސަރުކުރާނެ އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް