ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު، ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.
މި މަގުބައްތިތަކާ ހަވާލުވުމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި އެހީއަކީ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ރާއްޖެއަށް ދިން ތަކެތި ކަމަށް ކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިއީ ރާއްޖޭގެ ތަރައްޤީއަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިވެދިނުމާއި، ތިމާވެށްޓާ ރައްޓެހި އިއާދަކުރަނވި ހަކަތައިގެ ނިޒާމުތައް ކުރިއެރުވުމަށް ދެ ޤައުމުން ދޭ އިސްކަން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
މީގެ ކުރިންވެސް ޗައިނާ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، މިފަދަ ސޯލާ މަގުބައްތިތައް ރާއްޖޭގެ އެކި ރަށްރަށަށް ހަދިޔާކޮށްދީފައެވެ.





