ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށް ގެންދާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއު ނިމި، އެތަން ބޭނުންކުރަން ފަށާއިރު ފުރިހަމައަށް ތަންފީޒުކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތައް ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުގެ "ދަ ޕަލްސް" އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރަސްމާލެ ވޯޓާ ފްރަންޓް އަދި މެރީނާ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ހިންގާ ހަރަކާތްތަކުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިއާރުތައް ފާޅުކުރުމާއި، އަޅުކަންކުރާ ތަންތަން ބިނާކުރުމުގެ އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި އެއްފަހަރާ ދެ ލައްކައެއްހާ ފަތުރުވެރިން ތިބި ނަމަވެސް އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތައް ނުހުންނަ ފަދައިން، ރަސްމާލޭގައިވެސް ޤާއިމުކުރާނީ އިސްލާމްދީނުގެ މިސްކިތްތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ ބަޔަކު ވަޒަންވެރިވިޔަސް އެތަނުގައި ހިނގާނީ ދިވެހި ޤާނޫނުތައްކަން ފާހަގަކުރައްވަމުން، ވަކި ޤައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން ވަކި އިންސައްތައަކަށް ލިމިޓްކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ރިއަލް އެސްޓޭޓް" ޤާނޫނެއް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ. ހިދުމަތްތަކުގެ އިތުރުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ މަރުކަޒެއް ވެސް އެ ސަރަހައްދުގައި ޤާއިމުކުރެވޭނެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކުރައްވަމުން، އެތަނަށް ޒިޔާރަތްކުރާ އަދި ތަންތަން ގަންނަ މީހުންނަކީ ދާއިމީ ރަށްވެހިންނަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގެ އަމަންއަމާންކަމާއި ހަމަޖެހުމަކީ ތަރައްގީއަށް ބޭނުންވާ އަސާސެއްކަން ބަޔާންކުރައްވައި، ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ އެއްބައިވަންތަކަމާއި މަސްލަހަތު ނަގާނުލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ރަސްމާލެއިން މިހާރުވެސް 716 ހެކްޓަރު ހިއްކާފައިވާއިރު، މިއީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށެވެ.





