ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ ހުއްދަ އިތުރު ތިން ރަށަކަށް ދިނުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ފަށައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އަލަށް މި ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ގއ. ގެމަނަފުށި، މ. ވޭވަށް އަދި ލ. ހިތަދޫ އަށެވެ. އެ ރަށްރަށުގެ ކައުންސިލްތަކުން މިކަމަށް ރުހުން ދީފައިވާއިރު، މިހާރު ކުރިއަށްދަނީ މި ސަރަހައްދުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ރަސްމީ ޕާމިޓް ދޫކުރުމުގެ އިދާރީ މަސައްކަތްތަކެވެ.
މީގެކުރިން ފްލޯޓިން އޭކާސް ކުންފުނިން ދިރާސާތަކަށްފަހު ހުއްދައަށް އެދުމުން މަޑުޖެހިފައި އޮތް ނަމަވެސް، މެރިކަލްޗާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން މިހާރު ވަނީ އެ ހުއްދަ ދީފައެވެ. އޭގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސިނާއަތުގައި ބޮޑެތި ކުރިއޭރުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް ފަސް ފަރާތަކަށް ހުއްދަ ދޫކޮށްފައިވާއިރު، ބ. ގޮއިދޫ، މ. ކޮޅުފުށި، ގއ. ކޮނޑޭ އަދި ގއ. ކޮލަމާފުށީގެ ކަޅުހުއްޓާ ފަޅު ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ދަނީ އަމަލީ ގޮތުން މޫދުވިނަ ހައްދަމުންނެވެ.
ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށްވުމާއެކު، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ 6 އަތޮޅަކުން ޖުމްލަ 3,849 ހެކްޓަރުގެ 13 ޒޯނެއް ވަނީ މެރިކަލްޗާ މަސައްކަތްތަކަށް ޚާއްޞަކޮށްފައެވެ. މި މަޝްރޫއުގެ ކާމިޔާބީ ފެނިގެންދިޔައީ، 2025 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފަށައި، ސިނާއީ ފެންވަރުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަން ފެށުމުންނެވެ.
މުޅި ދުނިޔޭގެ މާކެޓަށް ބަލާއިރު، މިހާރު ކަލްޗަރކުރާ މޫދުވިނައިގެ 98 އިންސައްތަ ހިއްސާކުރަނީ އޭޝިއާގެ ގައުމުތައް ކަމަށްވާ ޗައިނާ، އިންޑޮނޭޝިއާ، ދެކުނު ކޮރެއާ އަދި ފިލިޕީންސްއިންނެވެ. އަދި 2023 ވަނަ އަހަރު 17.14 ބިލިއަން ޑޮލަރުގައި ހުރި މި ވިޔަފާރީގެ މާކެޓް އަގު، 2032 ވަނަ އަހަރާ ހަމައަށް ދާއިރު ދެގުނައަށް އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.





