ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އަގުބޮޑު ސިއްހީ އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި އާންމުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، ކަމުގެ ހަގީގަތް ބެލުމެއް ނެތި މަޖިލިސް މެމްބަރުންނާއި އާންމުންގެ މެދުގައި ނަފުރަތު އުފައްދަން މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި މަގުބޫލުކަން ހޯދުމުގެ ބޭނުމުގައި މިފަދަ ކަންކަން ކުރުމަކީ މެމްބަރުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި، މިފަދަ ނަފުރަތުގެ ނަތީޖާއެއްގެ ގޮތުން މީގެ ކުރިން މަޖިލިސް މެމްބަރަކު އަވަހާރަވެސް ކޮށްލެވިފައިވާ ކަމަށެވެ.
މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި، ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކަކީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އެއްޗެއް ކަމަށެވެ. އެހެންކަމުން މިއީ ހަމައެކަނި މަޖިލިސް މެމްބަރުންނަށް އޮތް އިނާޔަތެއް ނޫން ކަމަށާއި، އާންމު ރައްޔިތުންނަށް ލިބޭ ސިއްހީ ޚިދުމަތާއި މެމްބަރުންގެ އިންޝުއަރެންސަކީ އަޅައިކިޔަންޖެހޭ ދެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މަޖިލިސް މެމްބަރުންގެ ރިޓަޔަމެންޓާ ގުޅޭ އުސޫލުތައްވެސް މިހާރު ހުރީ އެންމެ ރަނގަޅަށް ނޫންކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.





