ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ހެލްތު އިންޝުއަރެންސްއާ ގުޅުވައިގެން ވާހަކަދައްކަނީ ސިޔާސީ ފިތުނަވެރިކަން އުފެއްދުމުގެ މަޤުޞަދުގައި ކަމަށް މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.
މެންބަރު މުފީދު މިހެން ވިދާޅުވީ، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދި މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައެވެ.
އެ ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ މަޖިލިސް މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ޚާއްޞަ ހެލްތު އިންޝުއަރެންސް ލިބިދޭ ގާނޫނީ މާއްދާތައް އުވާލައި، އާސަންދައާއި އެންސްޕާ މެދުވެރިކޮށް އެ ބޭފުޅުންނަށްވެސް ޚިދުމަތް ލިބޭނެ ގޮތް ހެދުމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ފޯރުކޮށްދޭ އަސާސީ ސިއްހީ ޚިދުމަތްތަކުގައި މެންބަރުންނާއި އާންމު ރައްޔިތުންގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށްވެސް ގޮވާލާފައިވެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު މުފީދު ވިދާޅުވީ، މަޖިލިސް މެންބަރުންނަށްވުރެ މާ ލުއިފަސޭހަ ގޮތްތަކަކަށް އެންސްޕާގެ ދަށުން އާންމު ރައްޔިތުންނަށް ބޭސްފަރުވާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕެޓިޝަނަކީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރިއަށްގެންދާ ސިޔާސީ ކަމެއް ކަމަށާއި، އެހެން ގައުމުތަކުގައި ކަންކަން ހިނގާގޮތާ މެދު އޮޅުވާލައިގެން ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ މިސާލު ދައްކަވަމުން މެންބަރު ވިދާޅުވީ، އެމެރިކާގެ ކޮންގްރެސް މެންބަރުންގެ އިންޝުއަރެންސް ޕްރިމިއަމްގެ 70 އާއި 75 އިންސައްތައާ ދެމެދުގެ އަދަދެއް ދައްކަނީ ދައުލަތުން ކަމަށެވެ. އަދި ޖަޕާނުގައިވެސް މަޖިލިސް އިމާރާތުގެ ތެރޭގައި ކްލިނިކް ހުންނައިރު ދައުލަތުން ޚަރަދުކުރާ އިންޝުއަރެންސް ޕެކޭޖުތައް އޮންނަކަން ފާހަގަކުރައްވައި، މެންބަރު ވަނީ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައިވާ ކަންކަމަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.





