ގާނޫނީ ދާއިރާގެ އިމްތިހާނުތައް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލާމެދު ދަރިވަރުން ހުށަހެޅި ޕެޓިޝަނަށް މަޖިލީހުގައި ބަހުސް ފަށައިފި

ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވައިދަށް ގެނައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް މަޖިލީހުގައި މިއަދު ވަނީ ބަހުސް ފަށާފައެވެ.

ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖް އަދި އެވިޑް ކޮލެޖްގެ ދަރިވަރުން ހުށަހެޅި މި ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވައިދަށް ގެނައި ދެވަނަ އިސްލާހާއެކު، 1 ޖެނުއަރީ 2027 އިން ފެށިގެން ހުރިހާ އިމްތިހާނެއް ހާޒިރުވެގެން ހަދަން ލާޒިމުކުރުމުންނެވެ. މި ބަދަލު ކުރިން ކޯސް ފެށި ދަރިވަރުންގެ މައްޗަށްވެސް ހިނގާތީ، ކޯހުގެ މެދުތެރެއިން އަސާސީ ޝަރުތެއް ބަދަލުވުމުން "މަގުބޫލު އުންމީދުގެ ހައްގު" ގެއްލޭ ކަމަށް ދަރިވަރުން ފާހަގަކުރެއެވެ.

މަޖިލީހުގެ ބަހުސްގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ގަވައިދު ބަދަލުކުރުމުގެ ކުރިން ކޯސް ފެށި ދަރިވަރުންނަށް ކުރީގެ އުސޫލުން ކޯސް ނިންމުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށާއި، ގާނޫނުތަކާއި ގަވާއިދުތައް ރަޖުއީކޮށް (ރެޓްރޮސްޕެކްޓިވްކޮށް) އަމަލުނުކުރެވޭނެ ކަމަށެވެ. އަދި އަތޮޅުތަކުގައި އުޅޭ ފުލުހުންނާއި އެކި ވަޒީފާތަކުގައި ތިބި ދަރިވަރުންނަށް މާލެ އައިސް އިމްތިހާނު ހެދުމަކީ ދަތިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ކިޔަވައިދޭ މަރުކަޒަށް ހާޒިރުނުވެ ޑިގްރީ ނުހެދޭނެ ކަމަށް 2022 ގައި އެމްކިއުއޭއިން ކަނޑައަޅާފައިވަނިކޮށް، މުޅި ކޯސް އޮންލައިންކޮށް ކުރިއަށްގެންދަން ކޮލެޖުތަކުން ނިންމި ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ބޭނުންވިނަމަވެސް، ތައުލީމީ ފެންވަރު މަތިކުރުމަކީ ބާ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރެއް ކަމަށެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް