ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު އިސްކަންދަރު ބިލްޑިންގގައި ބޭއްވުމާއެކު، އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.

ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތު ހުވާލައިދެއްވި މި ރަސްމިއްޔާތުގައި ހުވާކުރި ފުލުހުންގެ ތެރޭގައި 64 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދު ވިދާޅުވީ، ހުވައަކީ މާތް ﷲ ހެކިކޮށް އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ މަތިވެރި އަހުދެއް ކަމަށެވެ. އަދި ހުވައަށް ހިޔާނާތްތެރިވުމަކީ ދީނީ އަދި އަހުލާގީ ގޮތުން ބެލިޔަސް ހިންގޭނެ އެންމެ ބޮޑު އެއް ޣާފިލުކަން ކަމަށާއި، ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ފުލުހުންނަށް ހުވާގެ މުހިންމުކަން ވަކިން ބޮޑުވެގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ފުލުހެއްގެ ޔުނިފޯމް އަޅައިގެން ނުކުންނަ ކޮންމެ ވަގުތަކު ކުރެވުނު މަތިވެރި ހުވާ ހަނދާންކުރަންޖެހޭނެ ކަމަށާއި، އެއީ އަދުލުއިންސާފު ގާއިމުކުރުމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބިކަން ބަޔާންކޮށްފައިވާ ހުވައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހި، ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަކީ ކުރެވުނު ހުވާގެ ހައްގު އަދާކުރުން ކަމަށާއި، ހުވާގެ މަތީ ދެމިތިބެގެން މެނުވީ ރައްޔިތުންގެ އިތުބާރާއި ލޯބި ނުލިބޭނެ ކަމަށްވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް