މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއް

މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނުވަތަ ސްކޭމްގެ 38 މައްސަލައެއް ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 11 އިން 17 ގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގައި ޖުމްލަ 387,881 ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 208,708 ރުފިޔާ އަނބުރާ ހޯދައިދެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. މިފަދަ ކުށްތައް ހިންގުމަށްޓަކައި މަކަރުވެރިން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ އެޕްތަކާއި، އައިބޭ، ޓިކްޓޮކް، ފޭސްބުކް މާކެޓްޕްލެސް، ފޯނުކޯލުތައް އަދި އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ފޮނުވާ ފިޝިން ލިންކުތަކެވެ.

ރިޕޯޓުކުރެވުނު ސްކޭމްގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ތެރޭގައި ހިންގާފައިވާ އީ-ކޮމާރސްގެ 16 މައްސަލައާއި، ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 10 މައްސަލައެވެ. މީގެއިތުރުން ބުކިންގ ކެންސެލޭޝަން އަދި ރިފަންޑް ސްކޭމްގެ 5 މައްސަލައާއި، އިންވެސްޓްމެންޓްގެ 2 މައްސަލައިގެ އިތުރުން އެހެނިހެން ބާވަތުގެ 5 މައްސަލައެއް ހިމެނެއެވެ.

މިފަދަ މައްސަލަތައް މަދުކުރުމަށް ފުލުހުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އާންމުންވެސް ސަމާލުވުމަށް އިލްތިމާސްކުރެއެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތުގެ ޕްރޮފައިލާއި ޕޭޖަށް ދީފައިވާ ރިވިއުތައް ރަނގަޅަށް ޗެކުކުރުމަށާއި، ބާޒާރުގެ އާންމު އަގަށްވުރެ މާ ހެޔޮ އަގުތަކުގައި ތަކެތި ވިއްކަން ހުށަހަޅާ އޮފަރުތަކާމެދު އިތުރަށް ޝައްކުކޮށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް