އާ ގަވާއިދުގެ ދަށުން 34 ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްފި

ބްރޯޑްކާސްޓިންގ ކޮމިޝަނުން އަލަށް އެކުލަވައިލި ގަވާއިދުގެ ދަށުން މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ހާމަކޮށްފިއެވެ.

އެމްއެމްބީސީން ވިދާޅުވީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމާއި ހިންގުމުގެ އުސޫލުތައް ބަޔާންކޮށް އާންމުކޮށްފައިވާ ގަވާއިދުގެ ދަށުން، މިހާރު ހިންގަމުންދާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ އާ ގަވާއިދުގެ ދަށުން ބާތިލުވާނެއެވެ.

އަލަށް އަމަލުކުރަން ގަވާއިދުގައިވާ ގޮތުން ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްދެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރުމަށް ހުށަހަޅަންޖެހޭނެއެވެ. މީގެއިތުރުން، މި ގަވާއިދުގައި ނޫސް މަޖައްލާތައް ހަތަރު ގިންތިއަކަށް (ނޫސް، މަޖައްލާ، ނިއުސްލެޓާ އަދި ޖާނަލް) ބަހާލާފައިވާއިރު، މި ތަކެތި ޕްރިންޓް، ވެބްސައިޓް، މީސްމީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭނެއެވެ.

ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާން ނުވަ ދުވަހަށް ވެފައިވާއިރު، ސާދަހާސް (140) ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރަޖިސްޓްރީ އާކުރުމަށް ހުށަހެޅި 66 ފޯމާއި އަލަށް ރަޖިސްޓްރީވާން ހުށަހެޅި 67 ފޯމު ހިމެނެއެވެ. ހުށަހެޅުނު ފޯމުތަކުގެ ތެރެއިން 34 ފޯމަކަށް ރަޖިސްޓްރީ ދޫކޮށްފައިވާއިރު، އެކި ސަބަބުތަކާ ހުރެ 18 ފޯމެއް ވަނީ ބާތިލުކޮށްފައެވެ.

އެމްއެމްބީސީން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރުމުގެ އިތުރުން، ނޫސް މަޖައްލާއެއްގައި އެއްޗެއް ޝާއިއުނުކޮށް 12 މަސްދުވަސް ވެއްޖެނަމަވެސް އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް