ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހދ. ކުޅުދުއްފުށި / ސަމޭދާން، ނަބީހު ޢަބްދުއްރަޝީދު (23އ) ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 8 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މާފުށީގައި ބަނގުރަލުގެ ވިޔަފާރިކުރާ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.




