ރާއްޖޭގައި 1,200 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދޭ: ފިނޭންސް މިނިސްޓަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް 1،273 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ހުރިހާ މަޝްރޫޢުތަކެއްވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ (ރޮކް ބޯލްޑާ) އެތެރެކުރުމުގައި ދަތިތަކަކާ ކުރިމަތިވި ކަމަށެވެ.

މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހުނު ނަމަވެސް، ފިނޭންސް މިނިސްޓްރީގެ މޮނިޓަރިންގ ޓީމުން އެކަންކަން ދާދިކައިރިން ބަލައި، އިސްކަންދޭންޖެހޭ ތަރުތީބުން ކަންކަން ކުރިއަށްގެންދިއުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ވީހާވެސް އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޒަރީރު އިތުރަށް ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށްދަނީ ވަކި ތަރުތީބަކުން އިސްކަންދީގެން، އެ ސެކްޓަރަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރެއްގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ބަޖެޓުގެ ފައިސާ ހަމަޖެހެމުންދާ މިންވަރަކުން، ކަނޑައެޅިފައިވާ އިސްކަންދޭ ތަރުތީބުން ހުރިހާ ރަށެއްގެ މަޝްރޫޢުތަކަށްވެސް ފައިސާ ދޫކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ފައްޓަވާފައިވާ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން މިނިސްޓަރު ވަނީ، މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ލިބުމުގެ މަގު އަވަސްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް