ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

2021 ވަނަ އަހަރު ދައުލަތުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އިން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

"އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ދައުލަތުގެ ދަރަނިތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާއެކު، ބޭރު ފައިސާއިން ލިބޭ ޓެކްސް އާމްދަނީ އެސްޑީއެފްއަށް ޖަމާކޮށް ދަރަނި ދެއްކުމަށް ޚާއްޞަކުރުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށެވެ.

މި ސުކޫކު އަދާކުރުމަށް އެސްޑީއެފްގެ އިތުރުން ދައުލަތުގެ ރިޒާވުން 175 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއަހަރަށް މުއްދަތު ހަމަވާ ދަރަނިތައް އަދާކުރުމަށް މިހާތަނަށް ޖުމްލަ 1.4 ބިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދެއްކި ދަރަނިތަކުގެ ތެރޭގައި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ އިތުރުން 2024 ވަނަ އަހަރު އިންޑިއާއާއެކު ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީވެސް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް