އަތޮޅުތެރޭގެ ފުރަތަމަ ފިޒިއޯތެރަޕީ މަރުކަޒު ކާށިދޫގައި!

ކ. އަތޮޅުގެ ސިއްހީ މަރުކަޒެއްގައި މުޅިން އަލަށް ގާއިމުކުރި ފުރަތަމަ ފިޒިއޯތެރަޕީ މަރުކަޒު، ކާށިދޫ ސިއްހީ މަރުކަޒުގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ މިކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.

މި ޚިދުމަތް ފަށްޓަވައިދެއްވަމުން މިނިސްޓަރު ޤީލާ ދެއްކެވި ވާހަކަފުޅުގައި، ފިޒިއޯތެރަޕީއަކީ އެކިއެކި އަނިޔާތަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އެކި ކަހަލަ އުނދަގޫތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންވާ މުހިންމު ފަރުވާއެއް ކަމަށް ވިދާޅުވިއެވެ. ކުރިން ކާށިދޫގައި މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދަތުރުފަތުރުގެ ދަތިކަމާއި، މާލެ އައުމަށްފަހު އާއިލާތަކުން ކުރަންޖެހޭ ބޮޑެތި ހޭދަތަކުގެ ސަބަބުން ބޮޑެތި ބުރަތަކެއް އުފުލަންޖެހުނުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މަރުކަޒާއެކު އެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި، މި ޚިދުމަތް ފެށުމަކީ ހަމައެކަނ ބަހައްޓާފައިވާ މެޝިންތަކަކާއި ހުޅުވާލެވުނު ކޮޓަރިއަކަށް ވުރެ ބޮޑަށް، އެއީ އަނިޔާ ލިބިފައިވާ މައިންބަފައިންނަށާއި، ޒުވާނުންނަށާއި، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބުނު އާ އުންމީދެކެވެ. މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެކަމަނާ ސިފަކުރެއްވިއެވެ.

މި ޚިދުމަތް ފެށުމުގެ ސަބަބުން، ރަށުގައި ތިބެގެން އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާއިލާގެ ފަރާތުން ލިބޭ ލޯތްބާއި އެހީތެރިކަމާއެކު ފަރުވާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް