އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެ ކުދިންގެ އަމިއްލަ ދިރިއުޅުން ރަނގަޅުވެގެންދާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ މުސްތަގުބަލާއި ކުރިމަގު ބިނާކުރުމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.
އެ މެސެޖުގައި، ރާއްޖެއާއި މުޅި ދުނިޔޭގެ އަންހެން ކުދިންގެ ކިބައިގައިވާ ހިތްވަރާއި، އުންމީދުތަކުގެ އިތުރުން އެ ކުދިންގެ ކިބައިގައި ހުރި ނިމުމެއް ނެތް ގާބިލުކަން ފާހަގަކޮށް އުފާފާޅުކުރަންޖެހޭކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި އަންހެން ކުދިންނަކީ މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނެސްދީ، އާ އީޖާދުތައް އުފައްދައި، މުސްތަގުބަލުގެ މޮޅެތި ލީޑަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، އަންހެން ކުދިންގެ އަޑުތަކާއި، ހުނަރާއި، ލީޑާޝީޕްގެ ސަބަބުން ކަންކަމަށް ފަސޭހައިން ގުޑައިގެން ނުދާ ފަދަ ވަރުގަދަ އަދި ހަރުދަނާ މުޖުތަމައުތަކެއް ބިނާކުރުމަށް ބޮޑު މަގެއް ފަހިވެގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގައި އަންހެނުން އަދު ކުރަމުންދާ ދައުރަށް އަލިއަޅުއްވާލައްވަމުން، ތައުލީމީ ދާއިރާއާއި، ދައުލަތުގެ ހިދުމަތްތަކާއި، ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ އިތުރުން ކުޅިވަރާއި މުޖުތަމައު ބާރުވެރިކުރުވުމުގެ އެކި ހަރަކާތްތަކުން ދިވެހި އަންހެން ކުދިންނާއި ޒުވާން އަންހެނުން ހޯދަމުންދާ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންހެން ކުދިންގެ މި އަގުހުރި ހިދުމަތްތަކާއި ހޯދަމުންދާ ކާމިޔާބީތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ކުރިއަށް ގެންދިއުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް މެޑަމް ސާޖިދާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.





