ފަތުރުވެރިންގެ 74 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 74 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަދަދުން ބަލާނަމަ މިއީ 1.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1.6 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މުޅި ޖުމްލަ 1,188,689 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، މިއީ ރާއްޖެއައި ފަތުރުވެރިންގެ 73.8 އިންސައްތައެވެ. މީގެއިތުރުން، މި މުއްދަތުގެ ތެރޭގައި ގެސްޓްހައުސްތަކުގައި 352,544 ފަތުރުވެރިން (21.9 އިންސައްތަ) ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި ހޮޓެލްތަކުގައި 36,869 ފަތުރުވެރިން (2.3 އިންސައްތަ) އަދި ސަފާރީތަކުގައި 2,654 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ؛ އެ ގައުމުން 311,485 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިއާއިން 234,718 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން 122,068 ފަތުރުވެރިން އައިސްފައިވެއެވެ. ދަތުރުފަތުރުގެ ވަސީލަތްތަކަށް ބަލާއިރު، މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1,608,240 ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) މެދުވެރިކޮށެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ 5,699 ފަތުރުވެރިންނާއެކު ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް