ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ "އަހާ" ސިލްސިލާ ފޯރަމްގެ 9 ވަނަ ފޯރަމް މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި އޮންނާނެއެވެ.
ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ވަޒީރުންގެ ފަރާތްޕުޅުން ޖަވާބު ހޯދައިދިނުމެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. ފޯރަމް އޮންނަ ތަނަށް ގޮސްގެން ސުވާލުކުރުމުގެ އިތުރުން، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އޮންލައިންކޮށް ވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށި މި ސިލްސިލާގެ 8 ފޯރަމެއް މިހާތަނަށް ވަނީ ބާއްވާފައެވެ.





