އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން ބައިވެރިވާކަން ހާމަކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން ގައުމީ ތަރައްގީގައި އަންހެނުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށެވެ. އަދި އަންހެން ދަރިން ބިނާކުރުމަށް މިއަދު ކުރާ އިންވެސްޓްމެންޓަކީ މާދަމާގެ ހަމަހަމަ، އެންމެން ބައިވެރިވާ ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށާއި، މި ލަނޑުދަނޑިތައް ހާސިލުކުރެވޭނީ މުޅި މުޖުތަމައު ގުޅިގެން ކުރާ މަސައްކަތުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





