ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ކިނބިގަސްމަގުން، ފުލެޓު 12 ކައިރިން ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވި 20 އަހަރުގެ ޒުވާނަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު ހުޅުމާލެ ތެރެ ޕެޓްރޯލްކުރަމުން ދިޔަ ބީޓަކަށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އޭނާ ސައިކަލު ދުއްވިކަން ފާހަގަކުރެވިގެން ހުއްޓުވައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް 600 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައި، 180 އަށްވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އައު ގާނޫނުގެ ދަށުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100,000ރ. އާއި 500,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.





